ބ. ކެންދޫ ސްކޫލްގެ ދަރިވަރުންނަށް މި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ސްކައުޓް ކޭމްޕަށް ޚާއްސަކޮށްގެން ކައިރީގައި އޮންނަ ފަޅުރަށް، ގެމެންދޫގައި ހަދަމުންދިޔަ ތަނަށް ގެއްލުންދީ، ކޭމްޕަށް ގެންދިޔަ ގިނަ އަދަދެއްގެ ސާމާނު ވަގަށް ނަގައިފިއެވެ.
ކެންދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުންގެ ހުނަރު ކުރިއެރުވުމަށާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ރޭވި މި ހަރަކާތަށް ހުރަސް އެޅޭ ގޮތަށް ހިންގި މި އަމަލަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށާއި، އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ނޫޑްލްސް އާއި ބިސްކޯދު ކޭސް، ނަރު ފޮށިގަނޑު، ސާކިޓު ބޯޑު، ސަތަރި، ކަރަންޓު ބުރުމާ، ބެޓަރި ބުރުމާ، ސާކިއުލާ ސޯ، ގްރޭންޑަރު، ވަޅު ދިޔަ ހިއްކާ ޕަމްޕު، މާކަރު އަދި ރިޗާޖަބަލް ލައިޓް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ. މިއީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި، ދަރިވަރުންގެ ސަލާމަތާއި ކާބޯތަކެތީގެ ބޭނުމަށް ގަނެފައިވާ އެއްޗެއްސެވެ.
މި މައްސަލަ ފުލުހުންނާ ގުޅިގެން ބަލައި، ކުށްވެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތްތަކުން ފުލުހުންނާއި ކައުންސިލާ މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. ހަމައެއާއެކު، ކޭމްޕް ކުރިއަށް ގެންދިއުމަށް އާންމުންގެ އެހީތެރިކަން މިވަގުތު ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ