ދަރުމަވަންތަ ސްކޫލަށް ޒަމާނީ ހޯލެއް އެޅުމަށް މާލެ ޖަލު ތަޅާލަނީ

ދަރުމަވަންތަ ސްކޫލަށް ޒަމާނީ ހޯލެއް އެޅުމަށް މާލެ ޖަލު ތަޅާލަނީ

Author
އަހުމަދު
17 އޮގަސްޓް 2026 09:23
0

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ޒަމާނީ ފެންވަރުގެ ހޯލެއް ބިނާކުރުމަށްޓަކައި، އެ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، މި މަސައްކަތް މިއަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޖަލު ހުސްކުރުމުގެ ޢަމަލީ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ އެ ބިމުގައި މާލޭގައި ހުންނާނެ އެންމެ ޒަމާނީ އެއް ހޯލު ތަރައްޤީކުރުން ކަމަށެވެ. ޖާގައިގެ ގޮތުން ތަނަވަސް، އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތަށް އެ ހޯލު ފަރުމާ ކުރެވިގެންދާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ ސަރުކާރުން ތިން އަހަރު ދުވަހުގެ ތެރޭގައި ދަރުމަވަންތަ ސްކޫލުގެ 41 ކްލާސްރޫމާ އެކު ތަރައްޤީކުރި އައު އިމާރާތުގައި ހޯލެއް ހިމަނާފައި ނުވެއެވެ. އޭރު ރޭވިފައި އޮތީ ސްކޫލާ ޖެހިގެން ހުރި މާލޭ ޖަލު ހުސްކުރުމަށްފަހު އެ ބިމުގައި ހޯލު އެޅުމަށެވެ. ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 6 އޮގަސްޓް 2023 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.