ކައުންސިލްތަކުގެ ބިން އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަނީ

ކައުންސިލްތަކުގެ ބިން އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަނީ

Author
އަހުމަދު
05 އޮގަސްޓް 2026 08:48
0

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވެއްޖެ ހިނދެއްގައި، ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިން ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ވަކިކޮށް، އެ ބިން ސަރުކާރުގެ ދަށަށް ގެނެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. ހަންނާން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެން ނަމަވެސް، މަޖިލީހުގެ މަސައްކަތްތަކުގައި ފެށުނީއްސުރެ އޭނާ ގެންދަވަނީ ސަރުކާރުގެ ފަޅީގައި މަސައްކަތްކުރައްވަމުންނެވެ.

ބިލްގައި ބުނެފައިވާ ގޮތުން، ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ޓަކައި، ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ބިމެއް ބޭނުންވެއްޖެ ނަމަ، އެ ބިން އިހްތިސާސް އިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެ އެވެ. އެ ނިންމުން ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ކައުންސިލަށް އެންގުމާއެކު، ބިން ބަދަލުވާނީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށެވެ.

މީގެ އިތުރުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ސަރުކާރުން މަޝްރޫއަކަށް ބިމެއް ބޭނުންވެއްޖެ ނަމަ، އެ ބިން ކަމާ ބެހޭ އިދާރާއާ ހަވާލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމުގައި ކަނޑައަޅަން ވެސް ބިލްގައި ހިމަނާފައިވެ އެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއަކަށް، މަގުބޫލު ސަބަބެއް ނެތި، ހުރަސްއެޅޭ ފަދަ ނުވަތަ މަޝްރޫއު ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް ކައުންސިލަކުން ނުނިންމޭ ގޮތަށް ވެސް ގާނޫނު ބަދަލުކުރަން އިސްލާހުގައި ހުށަހަޅާފައިވެ އެވެ.

ބިލްގެ މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިޔުމަށް، ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.