ޓާމު ބަންދު ނިމޭ ދުވަހު މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ

ޓާމު ބަންދު ނިމޭ ދުވަހު މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ

Author
އަހުމަދު
01 އޮގަސްޓް 2026 11:29
0

ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ބަންދު ނިމި، މާދަމާ ކިޔެވުން ފެށޭއިރު، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތު ރާޅުތަކުގެ އުސްމިން ދިގުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. ހަމައެއާއެކު، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅުތައް ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މިއަދަކީ މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ބަންދު ނިމޭ ދުވަސް ކަމަށް ވެފައި، މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެތީ، ރަށްރަށުން މާލެ އައިސް ތިބި މީހުން ރަށްރަށަށް، އަދި މާލޭން ރަށްރަށަށް ދިޔަ މީހުން މާލެއަށް އެނބުރި އައުމަށްޓަކައި މި ދުވަސްވަރު އާންމުކޮށް ދަތުރު ކުރާނެއެވެ. އެހެންކަމުން، ހުޅަނގު މޫސުމުގެ ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، އެ އަތޮޅު ގާފަރު ކައިރިއަށް އަޑިއަށް ގޮސް، އޭގެން ދަތުރުކުރި ދެ މީހަކު އިއްޔެ ވަނީ ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.