އަށް ގައުމެއްގެ އައު ސަފީރުން ރައީސް މުއިއްޒަށް ފަތްކޮޅު އަރުވައިފި

އަށް ގައުމެއްގެ އައު ސަފީރުން ރައީސް މުއިއްޒަށް ފަތްކޮޅު އަރުވައިފި

Author
އަހުމަދު
23 ޖުލައި 2026 02:58
0

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު ވަނީ އަރުވާފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ތަފާތު ރަސްމިއްޔާތުތަކުގައި ފަތްކޮޅު އެރުވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޕޯޗުގަލްގެ ސަފީރު ޖޯއާއޯ މެނުއަލް މެންޑެސް ރިބެއިރޯ ޑި އަލްމެއިޑާ، ކެނެޑާގެ ހައިކޮމިޝަނަރު އިޒާބެލް މެރީ ކެތަރިން މާޓިން، އޮސްޓްރިއާގެ ސަފީރު ޑރ. ރޮބަޓް ޒިޝްގް، ބޫޓާންގެ ސަފީރު ދާޝޯ ކަރްމާ ހާމޫ ޑޯޖީ، ބުރކީނާ ފާސޯގެ ސަފީރު ޑރ. ޑެސިރޭ ބޮނިފޭސް ސޮމް، ގާނާގެ ހައިކޮމިޝަނަރު ޕްރޮފެސަރު ކުވާސީ އޮބިރީ-ޑަންސޯ، ތުރުކުމެނިސްތާނުގެ ސަފީރު ޝާލާރ ގެލްޑިނަޒާރޯވް، އަދި ލާއޯސްގެ ސަފީރު ވިތަޔާ ކްސަޔަވޮންގް އެވެ. މި ބޭފުޅުންނަކީ ވެސް ނޮން-ރެޒިޑެންޓް ސަފީރުންނެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އެގޮތުން، ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ސަގާފީ ހައިބަތު ދައްކުވައިދޭ "ހައިކޮޅު" ގައެވެ. އަދި އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެމްއެންޑީއެފްގެ ބޭންޑްގައި ރަނގަބީލާއި ތާޅަފިލި ޖައްސާފައި ވެއެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުކުރެއްވުންތަކުގައި، ރައީސް ޑރ. މުއިއްޒު އާއި ސަފީރުން ވަނީ ދެފަރާތުގެ މަސްލަހަތު އޮތް ގިނަ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، ސީޕްލޭން ދާއިރާއިން އެއްބާރުލުން ދިނުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމާއި، ޖެންޑަރ އިކުއަލިޓީ ފަދަ ދާއިރާތައް ވެސް މި މަޝްވަރާތަކުގައި ހިމެނެއެވެ. މީގެ އިތުރުން، މަސްވެރިކަމާއި، ޑިޕްލޮމެޓިކް ތަމްރީނު ޕްރޮގްރާމްތަކުން ސްކޮލަޝިޕް ފުރުސަތުތައް ފޯރުކޮށްދިނުމާއި، މެހެމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާއި، ތަރައްގީގެ އެއްބާރުލުމާއި، އިންފްރާސްޓްރަކްޗާ އަދި އިގްތިސާދީ ތަރައްގީއާއި އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރުމާ ބެހޭ ގޮތުން ވެސް ދެފަރާތުން މަޝްވަރާ ކުރެއްވިއެވެ.

ފަތްކޮޅު އެރުވި ގައުމުތަކާ ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނު ތާރީޚުތަކަށް ބަލާއިރު، އެންމެ ކުރީގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ އޮސްޓްރިއާއާއެކު (1 މާރޗް 1978) އެވެ. ޖެހިގެން ކެނެޑާ (14 ޑިސެމްބަރު 1981)، ބޫޓާން (13 ޖުލައި 1984)، ގާނާ (10 އޮގަސްޓް 1989)، ތުރުކުމެނިސްތާން (25 ސެޕްޓެމްބަރ 1992)، ޕޯޗުގަލް (9 ފެބްރުއަރީ 1995)، ބުރކީނާ ފާސޯ (29 ޑިސެމްބަރު 2011) އަދި ލާއޯސް (10 ފެބްރުއަރީ 2012) އެވެ.

ރަސްމިއްޔާތުތައް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.