ފީފާ ވޯލްޑް ކަޕް 2026ގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ފެލީޕޭ ހަ ވަނައަށާއި ބޮޑުވަޒީރު ޕޭދްރޯ ސަންޗެޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ސްޕެއިންގެ ދެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ވޯލްޑް ކަޕުގެ ތަށި ސްޕެއިނުން އުފުލާލުމަކީ އެ ޤައުމުގެ ޓީމުގެ ހުނަރާއި، ބުރަ މަސައްކަތާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ސްޕެއިނުން ވޯލްޑް ކަޕުގެ ތަށި އުފުލާލި ފުރަތަމަ ފަހަރު ކަމުގައިވާއިރު، ޤައުމުގެ ތާރީޚުގައި މި ޝަރަފު ހޯދި ދެވަނަ ފަހަރެވެ.
ފައިނަލްގައި އާޖެންޓީނާއާ ވާދަކޮށް ސްޕެއިނުން މޮޅުވީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުންނެވެ. ސެމީ ފައިނަލްގައި ފްރާންސް ބަލިކޮށް، މުބާރާތުގެ ލޯ މެޑަލް ހޯދީ އިނގިރޭސިވިލާތުންނެވެ.
ދިވެހިންގެ މެދުގައި ފުޓުބޯޅައަކީ ނުހަނު މަޤުބޫލު ކުޅިވަރެއް ކަމަށާއި، ސްޕެއިން ޓީމަށް ދިވެހި ސަޕޯޓަރުންގެ ފުޅާ ތާއީދެއް އޮންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ކާމިޔާބީ ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކުރެވިއްޖެ ކަމަށެވެ. އަދި މި ކާމިޔާބީގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދު އެ މަނިކުފާނު ފާޅުކުރެއްވިއެވެ.
ރާއްޖެއާއި ސްޕެއިނާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމަށް ޝުކުރު އަދާކުރައްވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ވިޔަފާރީގެ ބައިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މެސެޖު ނިންމަވާލެއްވީ ސްޕެއިންގެ ދެ ވެރިންނަށް ފުރިހަމަ ޞިއްޙަތަށާއި، ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްޙައާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ވޯލްޑް ކަޕް ފެށުމުގެ ކުރިން ރައީސް ތާއީދު ކުރައްވާ ޓީމުގެ ގޮތުގައި ވިދާޅުވެފައި އޮތީ އާޖެންޓީނާ ކަމަށާއި، ދެވަނަ ޗޮއިސްއެއްގެ ގޮތުގައި އިނގިރޭސިވިލާތް ކަމަށެވެ.
ކޮމެންޓު ފޮނުވާ