ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް އަރައިފި އެވެ.
މެޗު ފަށައިގެން ފުރަތަމަ ދެ ހަމަލާވެސް އުފެއްދީ އީގަލްސް އިންނެވެ. ގްރީން ސްޓްރީޓްސްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނިޓްގަ އެވެ. ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި އަލީ ޝާމިއު (މައިތޯ) އެވެ. އޭރިއާ ބޭރުން އޭނާ ޖެހި ޝޮޓް ގޯލަށް ވަނީ އީގަލްސްގެ ކީޕަރު އިބްރާހިމް ސިނާހު އަތުގައި ޖެހިފަ އެވެ.
ސިނާހު ފުރަތަމަ އެގާރައިގައި ހިމެނީ އީގަލްސްގެ މޮންޓެނެގްރޯ ކީޕަރު މިލާން ޔެލޮވަކް ދެ ކާޑުހަަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރުމުންނެވެ. ލީޑު ލިބުނުތާ އެއް މިނިޓުގެ ތެރޭގައި ގްރީން ސްޓްރީޓްސް އިން ދެ ވަނަ ގޯލެއް ޖެހި އެވެ. އަބްދުﷲ ޔާމީން (ޔާން) ނަގައިދިން ހުރަހަކުން ހަސަން ނަޒީމް (ޗޯޓު) ބޮލުން ޖައްސާލި ބޯޅަ އީގަލްސް ޑިފެންޑަރެއް ގައިގައި ޖެހިފައި މުނޯޒަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިން ވަނަ ގޯލު ޖެހީ އީގަލްސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. ހަލީލް ޖަމާލް ދިން ބޯޅައަކުން ގްރީން ސްޓްރީޓްސްގެ މި ގޯލު ޖެހީ ޔާން އެވެ. އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ ގޯލެއް ޖަހަން ކުރި މަސަައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ހަންނަ ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ސާގިބު އަތުގައި ޖެހިފައި ނުކުތް ވަގުތު ނާއިމް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ގޯލަކީ ކޯނަރަކުން އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) ނެގި ބޯޅައެއް އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ފައިގައި ރަނގަޅަށް ލައްވާނުލައި ގޮސް ބައިކޮޅަށް ވަން ގޯލެކެވެ.
ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އެރީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ