ޓީސީ ބަލިކޮށް މާޒިޔާއަށް ތިންޕޮއިންޓުގެ ލީޑެއް

ޓީސީ ބަލިކޮށް މާޒިޔާއަށް ތިންޕޮއިންޓުގެ ލީޑެއް

Author
އިބްރާހީމް ސާޢިދު
15 ޖެނުއަރީ 2021 07:44
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މެޗުގައި ފުރަތަމަ ފުރުސަތު ތަނަވަސްކުރީ މާޒިޔާ އިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި މޫސާ ޔާމީން (ޔާމްބެ) ނެގި ހުރަހެއް ބޭރުވީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ޓީސީން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ފެނުނީ 12 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް މެލްކޮމް ކެސިއަސް ސްޓެވާޓް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. ކައުންޓަ އެޓޭކެއްގައި މާޒިޔާ އިން ތަަނަވަސްކުރި ފުރުސަތެއްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ލީޑުނެގި އެވެ. މި ގޯލު ޖެހީ މާޒިޔާގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މިއީ ކޯނޭ ޖެހި ބޯޅައެއް ޓީސީގެ ލަންކާ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަން އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މާޒިޔާ އިން ފުރަތަމަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހަން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ހަމަލާގެ އިތުރުން އޭރިއާ ތެރެއިން ކޯނޭ ޖެހި ޝޮޓް ޓީސީގެ އަޒަރުބައިޖާން ގޯލްކީޕަރު މަމަދޯފް އާޒާދް ވަނީ މަތަކޮށްފަ އެވެ. ކައުންޓަ އެޓޭކުގައި މާޒިޔާ އިން ވަނީ ދެ ވަަނަ ގޯލެއް ޖަހައިފަ އެވެ. ޓީސީ އަށް ލިބުނު ކޯނަރަކުން މާޒިޔާ ހާފްގެ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭނާ ޖައްސާލީ ކޯނޭ އަށެވެ. ކޯނޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ސީޒަންގައި ސްޓެވާޓް ކޯނޭ ކާމިޔާބު ކުރި 6 ވަނަ ލަނޑެވެ.

ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ޑަކްސަން އެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ޑަކްސަން ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗުގައި ޓިސީގެ އިބްރާހިމް އަތީގް (އިއްބެ) އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެލްކޮމް ބޮލުން ޖެހި ބޯޅައެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މި ވަގުތު މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ފަސް މެޗުން 11 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.