ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފް ގައި ކުޅުނު ފަހު މެޗުތަކަށްފަހު، ނެދަލޭންޑްސް، ޖަޕާން އަދި ސްވިޑެން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.
ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާއެކު ނެދަލޭންޑްސް ދެވަނަ ބުރަށް ދަތުރުކުރީ ޓިއުނީޝިއާ އާއި ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ނެދަލޭންޑްސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެއީ ޓިއުނީޝިއާގެ އެލްޔެސް ޝިކީރީ އަތުން ބައިކޮޅަށް ވަން ގޯލަކާއި ބްރަޔަން ބްރޮބީ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފުގައި ޓިއުނީޝިއާގެ ހަޒެމް މަސްތޫރީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައިވަނިކޮށް، ޕައުލް ވެން ހެކާ ވަނީ ނެދަލޭންޑްސްގެ ތިންވަނަ ގޯލު ޖަހައިދީފައެވެ. ނޮކްއައުޓް ބުރުގައި ނެދަލޭންޑްސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މި ގްރޫޕުގެ ފުލަށް ދިޔަ ޓިއުނީޝިއާ މުބާރާތުން ކެޓީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖަޕާން ނޮކްއައުޓް ބުރަށް ދިޔައީ ސްވިޑެންއާ 1-1 އިން އެއްވަރުކޮށްގެންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޖަޕާނުގެ ޑައިޒެން މަޔޭޑާ ލީޑު ނަގާފައިވަނިކޮށް، އޭގެ ހަތް މިނެޓު ފަހުން ސްވިޑެންއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންތޮނީ އެލާންގާއެވެ. މި ނަތީޖާއާއެކު ޖަޕާން ދެވަނަ ބުރުގައި މި މަހުގެ 29 ވަނަ ދުވަހު ބްރެޒިލްއާ ދެކޮޅަށް ނުކުންނައިރު، އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ސްވިޑެން ވެސް ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. ދެވަނަ ބުރުގައި ސްވިޑެން ބައްދަލުކުރާނެ ކަމަށް ބެލެވެނީ ފްރާންސާއެވެ.
ކޮމެންޓު ފޮނުވާ