ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި އެގައުމުގެ ވެރިރަށް ކަރަކަސްއަށް ބޮޑެތި ގެއްލުންތަކެއް ލިބި، 11،000 މީހުން ގެއްލިއްޖެއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި އެ ގައުމަށް އައިސްފައިވަނީ 7.2 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމަކާއި 7.5 މެގްނިޓިއުޑް ބާރުމިނުގެ ދެ ބިންހެލުމެކެވެ. މި ހާދިސާގައި މިހާތަނަށް 164 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 900 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިންހެލުން އައި ވަގުތަކީ ގިނަ ބަޔަކު އިމާރާތްތަކުގެ އެތެރޭގައި ތިބި ވަގުތެއް ކަމަށްވުމުން، ގިނަ ބަޔަކު ވަނީ ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައެވެ. މި ބިންހެލުންތަކުގެ ސަބަބުން ކަރަކަސްގެ ގިނަ އިމާރާތްތަކެއް ސުންނާފަތިވެފައިވާއިރު، ވަރަށް ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް މުޅިން މެދުކެނޑިފައެވެ.
މިހާރު ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ ގެއްލުނު މީހުންނާއި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް އެ ސަރަހައްދުގައި ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ