ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ނޯވޭގެ ބޮޑު ކްރޫޒްލައިނާއެއް ކަމަށްވާ "އެމްއެސް ވައިކިންގް ޔީ ޑުން" މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން މާލެއަށް އައި މި އުޅަނދުން 732 ފަތުރުވެރިންނާއި 486 ކްރޫ މެންބަރުން އައިސްފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. މާލެއަށް އައުމުގެ ކުރިން މި ކްރޫޒްލައިނާ ވަނީ ތައިލެންޑާއި މެލޭޝިޔާއަށްވެސް ބަނދަރުކޮށްފައެވެ. މި އުޅަނދުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނާއި ކްރޫއިންނަށް މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ވަނީ ކްލިއަރެންސް ދީފައެވެ.
މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 10 ވަނަ ކްރޫޒްލައިނާއެވެ. ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި މަޤުބޫލު މަންޒިލަކަށް ވާއިރު، މިފަދަ އުޅަނދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިންތަކުން 8،263 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 14،847 އަށް އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ