އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

Author
އަހުމަދު
16 ޖޫން 2026 11:27
0

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވުމަށް ދެ ޤައުމުން އެކުލަވާލި އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މުހިންމު ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވެ، މުޅި ސަރަޙައްދަށް އަމާންކަމާއި ހަމަޖެހުން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގައި އެއްވެސް ހުރަހަކާ ނުލައި މިނިވަންކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް އެޅޭ ފިޔަވަޅުތަކަށްވެސް ސަރުކާރުން ވަނީ ތާއީދުކޮށްފައެވެ. މައްސަލަތައް ޙައްލުކުރުމަށް ޑިޕްލޮމަސީއާއި މަޝްވަރާގެ މަގު ޚިޔާރުކުރިކަމަށްޓަކައި އެމެރިކާ އާއި އީރާނަށް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ.

މީގެ އިތުރުން، މި ސުލްހައިގެ މަޝްވަރާތައް ކާމިޔާބުކުރުމުގައި ޕާކިސްތާނާއި، ޤަތަރާއި، ގަލްފުގެ އެހެނިހެން ޤައުމުތަކުން އަދާކުރި އިސް ދައުރަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތެރެއިން ކުރިއަށްދާ މިފަދަ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ. އަންނަ ހުކުރު ދުވަހު ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން، ލުބުނާނު ހިމެނޭހެން މުޅި ސަރަޙައްދުގައި ހިނގަމުންދާ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.