މީދޫ ކައުންސިލްގެ ރައީސްކަން 80 ވޯޓުގެ ތަފާތުން ސުހާ ކާމިޔާބުކޮށްފި

މީދޫ ކައުންސިލްގެ ރައީސްކަން 80 ވޯޓުގެ ތަފާތުން ސުހާ ކާމިޔާބުކޮށްފި

Author
އަހުމަދު
13 ޖޫން 2026 06:27
0

އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު އުފެދުނު މައްސަލަތަކަކަށްފަހު، އަލުން ބޭއްވި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބު ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފިއެވެ.

ސުހާގެ އިތުރުން މި އިންތިޚާބުގައި ވާދަކުރީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހަކަށް ލިބިފައިވާއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން ސުހާ ވަނީ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ. އަލުން ވޯޓުލުމަށް ބެހެއްޓި 3 ވޯޓު ފޮށިވެސް ކާމިޔާބުކުރީ ސުހާއެވެ.

ވޯޓުލީ 985 މީހުންގެ ތެރެއިން ސުހާއަށް 529 ވޯޓު ލިބުނުއިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. 7 ވޯޓު ބާތިލްވެފައިވާއިރު، ސުހާ އިންތިޚާބު ކާމިޔާބުކުރީ 80 ވޯޓުގެ ތަފާތަކުންނެވެ. މި ނަތީޖާއާއެކު މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މިހާރު އޮތީ ޕީއެންސީއަށެވެ.

އޭޕްރީލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ 393 ވޯޓާއެކު 1 ވޯޓުގެ ތަފާތުން ސުހާ މޮޅުވި ކަމަށެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ.

ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް ޝަރުތު ހަމަނުވާ މީހަކު ވޯޓުލީ މައްސަލައެއް އެމްޑީއޭއިން ހުށަހެޅިއެވެ. އަދި ޝާހިދަށް ލިބުނު ބައެއް ވޯޓުތައް ބާތިލްކަމަށް ބުނެ ސުހާވެސް މައްސަލަ ހުށަހެޅިއެވެ. މައްސަލަތައް ބެލުމަށްފަހު އީސީއިން ނިންމީ ޝާހިދު 1 ވޯޓުން މޮޅުވިކަމަށެވެ. އެހެންނަމަވެސް، ކަރުދާހުގައި ކުރަހާފައި އިން ރޮނގަކާ ހެދި ބާތިލްކުރި ވޯޓެއް ސައްހަ ކުރުމަށް ސުހާ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މެއި 14 ވަނަ ދުވަހު ހައިކޯޓުން ވަނީ ބާތިލްކުރި ވޯޓަކީ ސައްހަ ވޯޓެއްކަމަށް ކަނޑައަޅައި ނަތީޖާ ބަދަލުކުރުމަށް އަންގާފައެވެ. އެ ބަދަލާއެކު ދެ ކެންޑިޑޭޓުންނަށްވެސް 392 ވޯޓު ލިބި އެއްވަރުވުމުން، ރަށު ކައުންސިލްގެ ރައީސް ހޮވުމަށް އަލުން އިންތިޚާބު ބާއްވަން ޖެހުނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.