އެމްޑީޕީގެ ޗެއާޕާސަންކަން ކާމިޔާބުކުރެއްވުމަށްފަހު ނަޝީދުގެ ތައުރީފު މީކާއީލަށް

އެމްޑީޕީގެ ޗެއާޕާސަންކަން ކާމިޔާބުކުރެއްވުމަށްފަހު ނަޝީދުގެ ތައުރީފު މީކާއީލަށް

Author
އަހުމަދު
13 ޖޫން 2026 01:07
0

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ތަފާތަކުން އިންތިޚާބުވެވަޑައިގެން، އެމަނިކުފާނާ ވާދަކުރެއްވި މީކާއީލް އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ މައިދާނަށް ނުކުންނަން ބޭނުންވާ ހުރިހާ ޒުވާނުން ވެސް ނަމޫނާއަކަށް ބަލަންވީ މީކާއީލް ކަމަށެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއެކު މީކާއީލް ގުޅުއްވައި މަރުހަބާ ދެންނެވިކަން ފާހަގަކުރައްވައި، މީކާއީލް ދެއްކެވި ހިތްވަރާއި ކެރުންތެރިކަމަށް ނަޝީދު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ނަޝީދު ވަނީ މިހާރު އޮތް ޑރ. މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދެން އެންމެން އެކުވެގެން ކުރަންވީ ކަމަކީ މިހާރު އޮތް ނާގާބިލް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، އަންނަ އާދިއްތަ ދުވަހު ޕާޓީ އޮފީހަށް ނުކުމެވަޑައިގެން އެ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ. އަނެއްކޮޅުން މީކާއީލް ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދަށް މަރުހަބާ ދަންނަވައި، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. މި ކާމިޔާބީއާއެކު، އެމްޑީޕީގެ އެތެރޭގައި ކުރިމަތިވި ސިލްސިލާ ނާކާމިޔާބީތަކަކަށް ފަހު ރައީސް ނަޝީދު މިވަނީ އަލުން ޕާޓީގެ ލީޑަޝިޕްގެ އެންމެ އިސް ދައުރެއް ހޯއްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.