އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އެތެރޭގެ އިންތިހާބު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއާ ވާދަކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
މި ކާމިޔާބީއާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިއީ ރާއްޖޭގެ ޑިމޮކްރެސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު މޮޅެއް ކަމަށެވެ. އަދި އިންތިހާބުގައި އެމަނިކުފާނާ ވާދަކުރެއްވި މީކާއިލަށްވެސް ނަޝީދު ވަނީ މަރުހަބާ ދަންނަވާފައެވެ.
މުޅި ރާއްޖޭގައި ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓި މި އިންތިހާބުގެ ނަތީޖާ މިހާތަނަށް ސާފުވި 130 ފޮށީގެ ނަތީޖާއިން ދައްކާގޮތުގައި ނަޝީދަށް ވަނީ 8،661 ވޯޓު ލިބިވަޑައިގެންފައެވެ. އަދި މީކާއީލްއަށް ލިބިވަޑައިގަތީ 4،158 ވޯޓެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެއެވެ.
އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ޗެއާޕާސަންގެ މަގާމަށް މިއަދު ބޭފުޅަކު އިންތިހާބުކޮށްފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާޢީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިހާބުގެ ކަންކަން ނިމެންދެން ވަގުތީ ގޮތުން އެ ޕާޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
ކޮމެންޓު ފޮނުވާ