އެމްޑީޕީގެ އައު ޗެއާޕާސަނަކަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިޚާބުވެވަޑައިގެންފި

އެމްޑީޕީގެ އައު ޗެއާޕާސަނަކަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިޚާބުވެވަޑައިގެންފި

Author
އަހުމަދު
12 ޖޫން 2026 10:46
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބޭއްވި ފޯރިގަދަ އިންތިޚާބު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާއެކު ނުކުމެވަޑައިގެންނެވި މީކާއީލްގެ މައްޗަށް ނަޝީދު ބޮޑު ކުރިއެރުމެއް ހޯއްދެވިއިރު، މީކާއީލްގެ އަމިއްލަ ދާއިރާގެ ވޯޓު ފޮށިންވެސް ކުރި ހޯއްދެވީ ރައީސް ނަޝީދެވެ. މިއަދު މެންދުރު 14:30 އިން ރޭގަނޑު 21:00 އަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި ބައިވެރިވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނެވެ.

މިއީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އިންތިޚާބެކެވެ. ކުރިން މި މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި މި އިންތިޚާބަކީ، ދަ ޑިމޮކްރެޓްސް އުފެއްދެވުމަށްފަހު ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލެއްވި ފުރަތަމަ ބޮޑު އިމްތިޙާނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ޗެއާޕާސަން ފައްޔާޒުވެސް މި ފަހަރު ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ.

ދެ ކެންޑިޑޭޓުންވެސް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދެވިއިރު، ރައީސް ނަޝީދު އިންތިޚާބަށް ނުކުމެވަޑައިގަތީ އެމްޑީޕީގެ "ރީނދޫ ލަޝްކަރު" އަލުން ރުކުރުވާލައި ޕާޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވަޢުދާއެކުގައެވެ. އަދި މީކާއީލް ކެމްޕޭން ކުރެއްވީ "އިތުބާރު" މި ޝިއާރުގެ ދަށުން، އާންމު މެންބަރުންނާއި ލޯކަލް ކައުންސިލަރުންގެ ބާރު ޕާޓީގެ ގައުމީ މަޖިލީހުގައި ފުޅާކޮށްދެއްވާނެކަމުގެ ވަޢުދުގެ މައްޗަށެވެ. ނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ޕާޓީގެ ހިންގުން ރައީސް ނަޝީދާ ހަވާލުކުރަން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.