ޒުވާނުންނަށް ހައްގު މިންވަރަކީ ހަމައެކަނި ލީޑަރުން ޕްރޮމޯޓްކުރުމެއް ނޫން: މީކާއީލް

ޒުވާނުންނަށް ހައްގު މިންވަރަކީ ހަމައެކަނި ލީޑަރުން ޕްރޮމޯޓްކުރުމެއް ނޫން: މީކާއީލް

Author
އަހުމަދު
11 ޖޫން 2026 08:53
0

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެނަމަ، ޕާޓީގެ އެންމެ އިސް މަގާމުތަކަށް ޒުވާނުންނަށް އާދެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއީލް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ކެމްޕެއިން ނިންމުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މައިދާނުގައި ޒުވާނުންގެ ހިއްސާއަކީ ހަމައެކަނި ސޯޝަލް މީޑިއާގައި އިސްވެރިންގެ ފޮޓޯތައް އާންމުކޮށް އެބޭފުޅުން ޕްރޮމޯޓްކުރުން ކަމުގައި ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ސަފުން ޒުވާނުންނަށް ޖާގަ ލިބެންޖެހޭނެ ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ.

ކުރިއަށް އޮތް އިންތިހާބުގައި މީކާއީލް ވާދަކުރައްވަން ޖެހިވަޑައިގަންނަވަނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެވެ. މިކަމަށް އިޝާރާތްކުރައްވައި މީކާއީލް ވިދާޅުވީ، ޕާޓީގެ އެތެރެއިން ޒުވާނުންނަށް ކުރިއެރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ބުރަކަން މިކަމުން އެކަނިވެސް ވަރަށް ސާފުކޮށް އެނގިގެންދާ ކަމަށެވެ. މީގެ އެތައް މަހެއް ކުރިން އިންތިހާބަށް ނުކުމެވަޑައިގަތީ އިހުތިރާމްކުރާ ބޭފުޅަކާ ވާދަކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، ނަމަވެސް ކަންކަން ބަދަލުވެގެން ދިޔަ ގޮތުން ކުރީގެ ރައީސަކާ ވާދަކުރަން ޖެހުމަކީ ޒުވާނުންނަށް އޮތް ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންތިހާބުގައި ވޯޓުލާ އާބާދީގެ 60 އިންސައްތައަކީ ޒުވާނުންކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވައި މީކާއީލް ވަނީ، އޭނާގެ ޗެއާޕާސަން ކަމެއްގައި ޕާޓީގެ އެންމެ މަތީ ފަޑިން ޒުވާނުންނަށް ހައްގުވާ ޖާގަ ކަށަވަރުކޮށް ހިފަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް ދެއްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.