މީކާއިލް ދިން ޔަގީންކަން: ކުރިޔަށްދާނީ ތަފާތުނުކޮށް އެންމެން ގޮވައިގެން

މީކާއިލް ދިން ޔަގީންކަން: ކުރިޔަށްދާނީ ތަފާތުނުކޮށް އެންމެން ގޮވައިގެން

Author
އަހުމަދު
11 ޖޫން 2026 08:46
0

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެއްޖެނަމަ، ޕާޓީގެ އެއްވެސް މެމްބަރަކު ބާކީނުކޮށް އެންމެން ގޮވައިގެން ކުރިއަށްދާނެކަމުގެ ޔަގީންކަން، އެ މަގާމަށް ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމް ދެއްވައިފިއެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެތެރޭގެ އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ވިދާޅުވީ، ޚިޔާލު ތަފާތުވާ މީހުން އެކަހެރިކުރުމަކީ އެމްޑީޕީގެ އުސޫލެއް ނޫން ކަމަށެވެ. އޭނާގެ ދައުރެއްގައި ކެމްޕޭނުގައި ތާއީދުކުރި މީހުންނާއި ނުކުރާ މީހުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، ހުރިހާ މެމްބަރުންނަށްވެސް ޕާޓީގެ ކުރީ ސަފުން ޖާގަ ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ތެރޭގައި ދެކެވޭ ބައެއް ވާހަކަތަކުގެ ސަބަބުން ޕާޓީ ބައިބައިވެ، 2023 ވަނަ އަހަރު ޕާޓީއަށް ދިމާވި ހިތްދަތިގޮތް ތަކުރާރުވެދާނެކަމުގެ ބިރު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީކާއިލް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނަށް ތާއީދުނުކުރައްވާ ފަރާތްތައް ތިއްބަވަންޖެހޭނީ ދުރުގައިކަމަށް ދޭހަވާފަދަ ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. މީގެ އިތުރުން އޭނާގެ ވާހަކަފުޅުގައި، ޒުވާނުންނަށް ސިޔާސީ މައިދާނުގައި ކުރިއަށްދިއުމަށް ހުރި ހުރަސްތައް ނައްތާލައި، ޕާޓީގެ އެންމެ އިސް މަގާމުތަކަށް އައުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.