އެމެރިކާއިން ތެޔޮ ޓޭންކަރަކަށް ހަމަލާދިނުމުން އިންޑިއާގެ 3 ފަޅުވެރިއަކު ގެއްލިއްޖެ

އެމެރިކާއިން ތެޔޮ ޓޭންކަރަކަށް ހަމަލާދިނުމުން އިންޑިއާގެ 3 ފަޅުވެރިއަކު ގެއްލިއްޖެ

Author
އަހުމަދު
11 ޖޫން 2026 08:42
0

އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއަކާ ގުޅިގެން، އެ ބޯޓުގައި ތިބި އިންޑިއާގެ ތިން ފަޅުވެރިއަކު ގެއްލިއްޖެކަމަށް އެ ގައުމުން ބުނެފިއެވެ.

ޕަލާއުގެ ދިދަ ނަގާފައިވާ "ސެޓެބެލޯ" ނަމަކަށް ކިޔާ މި ބޯޓަށް އެމެރިކާއިން ހަމަލާދީފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ބްލޮކޭޑް މުގުރާލަން މަސައްކަތްކުރުމުން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ. އެމެރިކާއިން ބުނާ ގޮތުގައި ހަނގުރާމަމަތީ މަނަވަރަކުން މި ހަމަލާ ދިނީ ސިފައިންގެ އިރުޝާދުތަކަށް ބޯޓުގެ ފަޅުވެރިން ތަކުރާރުކޮށް ބޯނުލެނބުމުގެ ސަބަބުންނެވެ. ބްރިޓިޝް މެރިޓައިމް ސެކިއުރިޓީ ކޮމްޕެނީއެއް ކަމަށްވާ "ވެންގާޑް ޓެކް" އިން މައުލޫމާތު ދޭ ގޮތުގައި، އޮމާންގެ ސުހާރު ކައިރިން ބޯޓުގެ އިންޖީނުގެއަށް މިސައިލް ހަމަލާއެއް އަރައި ވަނީ އަލިފާން ރޯވެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓުގައި ތިބި އިންޑިއާގެ 24 ފަޅުވެރިންގެ ތެރެއިން 21 މީހުން ސަލާމަތްކުރެވިފައިވާ ކަމަށާއި، ނަމަވެސް ތިން މީހަކު ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަވާ އެމެރިކާގެ ޗާޖް ޑި އެފެއާޒް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، މި އަމަލާމެދު އިންޑިއާ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ދޭ ހަމަލާތަކަކީ ކަންބޮޑުވާކަމެއްކަމަށް އިންޑިއާއިން ބުނެފައިވާއިރު، އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީ (ޔޫކޭއެމްޓީއޯ) އިން ވަނީ މި ހާދިސާގައި ބޯޓުން އެކަކު މަރުވެފައިވާކަމަށްވެސް ރިޕޯޓުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ބަންދުކޮށްފައިވާއިރު، އެމެރިކާއިން އަންނަނީ އޭޕްރިލް މަހުން ފެށިގެން އެ ސަރަހައްދުގައި އަމިއްލަ ބްލޮކޭޑެއް ހިންގަމުންނެވެ. މީގެ ކުރިންވެސް އޮމާން އައްސޭރިފަށުން އަލިފާން ރޯވި އެހެން ތެޔޮ ބޯޓަކުން އިންޑިއާގެ 24 ފަޅުވެރިއަކު ސަލާމަތްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.