ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް 2700 މައްސަލަ: 33 މިލިއަން ރުފިޔާ ގެއްލިފައިވޭ

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް 2700 މައްސަލަ: 33 މިލިއަން ރުފިޔާ ގެއްލިފައިވޭ

Author
އަހުމަދު
09 ޖޫން 2026 08:51
0

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން މިހާތަނަށް ސްކޭމްގެ 2700 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި 33 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ހެޑް އޮފް އެންޓި ސްކޭމް ސެންޓަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، މާލީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، ގެއްލުނު 33 މިލިއަން ރުފިޔާގެ ތެރެއިން 37 އިންސައްތަ ފައިސާ މިހާރު ވަނީ އަނބުރާ ހޯދައި، ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން 2021 އިން 2024 އަށް މާލީ އިދާރާތަކަށް 6000 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި، 118 މިލިއަން ރުފިޔާ ގެއްލުނު ނަމަވެސް، އޭރު އަނބުރާ ހޯދިފައިވަނީ އޭގެ އެންމެ ދެ އިންސައްތަ ފައިސާއެވެ.

މިހާރު ފައިސާ ހޯދުމުގެ ނިސްބަތް އިތުރުވެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނެވުނު މުހިންމު އިސްލާހަކާ ގުޅިގެންނެވެ. މި އިސްލާހުގެ ދަށުން، ކޯޓު އަމުރަކާ ނުލައި ޝައްކުކުރެވޭ އެކައުންޓްތައް ފްރީޒްކުރުމުގެ ބާރު ފުލުހުންނާއި މާލީ އިދާރާތަކަށް ލިބި، ފައިސާ އަވަހަށް ހިފެހެއްޓުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ސްކޭމްގެ މައްސަލަތައް އަދިވެސް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު އާންމުން ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ކާކުކަން ނޭނގޭ ފަރާތްތަކަށް އެޑްވާންސްކޮށް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.