ފާއިތުވި ހަފުތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން ފޭރިގަތް ފައިސާގެ ތެރެއިން 150,000 އަށްވުރެ ގިނަ ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން އަނބުރާ ހޯދައިދީފިއެވެ.
ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެއި މަހުގެ 31 އިން ފެށިގެން ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 33 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި މަކަރާއި ހީލަތުން 258,356 ރުފިޔާ މީހުންގެ އަތުން އަތުލާފައިވާއިރު، އިދާރާތަކާ ގުޅިގެން ކުރި އަވަސް މަސައްކަތުން އޭގެ ތެރެއިން 150,693 ރުފިޔާ ވަނީ ސަލާމަތްކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހިންގާފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅޭ ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސްގެ 19 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ފައިސާ މާރުކުރުމުގެ 4 މައްސަލައަކާއި، އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ފައިސާ ހޯދުމުގެ 3 މައްސަލައެއްގެ އިތުރުން އެހެނިހެން 7 މައްސަލައެއް ހިމެނެއެވެ. ކުށްވެރިން މިކަންކަން ކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އައިބޭ، ފޭސްބުކް މާކެޓްޕްލޭސް، ފޯނު ކޯލު، ފިޝިން ލިންކު އަދި މެސެޖިން އެޕްލިކޭޝަންތަކެވެ.
އޮންލައިންކޮށް މުދާ ގަންނައިރު، ޚާއްޞަކޮށް ނުދަންނަ ފަރާތްތަކަށް އެޑްވާންސްކޮށް ފައިސާ ނުފޮނުވުމަށާއި، ވިއްކާ ފަރާތުގެ ސައްހަކަން ރަނގަޅަށް ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ލަސްނުކޮށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހޮޓްލައިން 125 އަށް ގުޅައި ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ