ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މާދަމާއަށް ހުޅުވާލައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު (13 ޖޫން 2026) ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:30 އަށް، އިންތިޚާބާބެހޭ މަރުކަޒުގައެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި ލިސްޓުގައި ސޮއިކުރުމުގެ ހުއްދަ ކެންޑިޑޭޓުންގެ އިތުރުން އެ ބޭފުޅުން ކަނޑައަޅުއްވާ މަންދޫބުންނަށްވެސް އޮންނާނެއެވެ.
ކެންޑިޑޭޓެއްގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން އަންނަނަމަ، ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ޚާއްޞަ ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި އަންނަ މީހާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހޭނެކަމަށް އީސީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، ސޮއިކުރަން ހާޒިރުވާ ފަރާތުގެ އައިޑީކާޑުގެ އަސްލުވެސް ހުށަހަޅަންޖެހޭނެއެވެ.
މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދަށުން ބޭއްވޭ އިތުރުބުރެއްކަމަށްވާއިރު، އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ