އެމްޑީޕީ އިންތިޚާބު: ކޮމިޓީގެ ނިންމުމާ ޚިލާފަށް ހަރުގެތަކުގައި ވޯޓުފޮށި ބަހައްޓާތީ މީކާއީލްގެ ކަންބޮޑުވުން

އެމްޑީޕީ އިންތިޚާބު: ކޮމިޓީގެ ނިންމުމާ ޚިލާފަށް ހަރުގެތަކުގައި ވޯޓުފޮށި ބަހައްޓާތީ މީކާއީލްގެ ކަންބޮޑުވުން

Author
އަހުމަދު
08 ޖޫން 2026 04:57
0

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުފޮށިތައް، ކޮމިޓީގެ ނިންމުމާ ޚިލާފަށް ބައެއް ރަށްރަށުގެ ޕާޓީ ހަރުގެތަކުގައި ބަހައްޓަން އުޅޭތީ، އެ މަޤާމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީކާއީލް އިންތިޚާބާ ބެހޭ ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވާދަވެރިކަން ބޮޑު މި އިންތިޚާބުގެ ވޯޓުލުން ސްކޫލްތަކުގައި ކުރިއަށްގެންދަން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް، ފ. ފީއަލި، ލ. އިސްދޫ، ކަލައިދޫ، ގއ. ވިލިނގިލި އަދި ލ. ގަމު މަތިމަރަދޫގައި އެ ނިންމުމާ ޚިލާފަށް، ވޯޓުލާ މަރުކަޒުގެ ގޮތުގައި ޕާޓީ ހަރުގެތައް ވަނީ ކަނޑައަޅާފައެވެ. މިއީ އެއްވެސް މަޤުބޫލު ސަބަބަކާ ނުލައި، މުޅި ރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ކަންތައް ކުރުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއްކަމަށް މީކާއީލް ވިދާޅުވިއެވެ. ޚާއްޞަކޮށް ފ. ފީއަލީގައި ކެމްޕެއިން ކުރިއަށްދިޔައިރު، އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން ފާޅުގައި ވޯޓު ފޮށްޓަށް ގަނޑުކޮށް ވޯޓު އަޅާނެކަމަށް ބުނެފައިވާތީ، މަރުކަޒުތައް ހަރުގެއަށް ބަދަލުކުރުމަކީ އެކަމަށް މަގުފަހިވެދާނެ ކަމެއްކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި، މިކަން ވީހާވެސް އަވަހަކަށް އިޞްލާޙުކޮށްދެއްވައި އަވަސް ޙައްލެއް ހޯދައިދިނުމަށް މީކާއީލް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.