ރާއްޖެއާއި ތުރުކީގެ ވިޔަފާރީގެ އެއްބަސްވުންތައް އަވަހަށް ތަންފީޒުކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ތުރުކީގެ ވިޔަފާރީގެ އެއްބަސްވުންތައް އަވަހަށް ތަންފީޒުކުރުމަށް މަޝްވަރާކޮށްފި

Author
އަހުމަދު
08 ޖޫން 2026 08:08
0

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) އަމަލީގޮތުން ތަންފީޒުކުރުން އަވަސްކުރުމަށް ދެ ޤައުމުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ތުރުކީގެ ދަނޑުވެރިކަމާއި ޖަންގަލިތަކާ ބެހޭ ވަޒީރު އިބްރާހީމް ޔުމަކްލީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވަކި ބާވަތްތަކަކުން ކަސްޓަމްސް ޑިއުޓީ ކަނޑައިދިނުމަށް އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަށް ޢަމަލީ މަސައްކަތްތައް ފެށުމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ތުރުކީ ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ވަޒީރު ޝިޔާމް ވަނީ ތުރުކީއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ވަޒީރު ޝިޔާމް ތުރުކީގެ ވަޒީރާ މި ބައްދަލުކުރެއްވީ، މި ޖޫން މަހުގެ 5 އިން 7 އަށް ތުރުކީގައި ބާއްވާ "ޒީރޯ ވޭސްޓް ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.