ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާއިރު، މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އާބާދީގެ 40 އިންސައްތަ މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 1،679 މީހުން ވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 860 އަންހެނުންނާއި 819 ފިރިހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 4،121 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުމުގެ ކަންކަން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ވޯޓުލުމަށްޓަކައި ހިތަދޫ ސްކޫލްގެ އިތުރުން މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލްގައި ވަނީ ވޯޓުފޮށި ބަހައްޓާފައެވެ.
މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ދައްކާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ފޯރިގަދަ ކެމްޕޭނަކަށްފަހު މި ގޮނޑިއަށް ވާދަކުރައްވަނީ ސަރުކާރުގެ ޓިކެޓުގައި މުޙައްމަދު ސަޢީދާއި، އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އެވެ.
ކޮމެންޓު ފޮނުވާ