ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ)، ސަރުކާރުގެ ސިޔާސަތުތަކަށާއި ނުފުއްދިހުރި ވަޢުދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ސޯބެ ޖަލްސާ" ގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ސަރުކާރުން ކަންކަން ނުކުރި ނަމަވެސް ވެރިކަންކުރާ ޕީއެންސީގެ މެމްބަރުން ތިބޭނީ އެކަމާ ސުވާލުކުރަން ނުކެރި "އާގަމަވެފައި" ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ޙައްޤުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެމްޑީޕީއަށް ވޯޓު ދިނުމަކީ މުހިންމު ކަމެއްކަމަށް ސޯބެ ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅިފައިވާ ހަންކެޑެ މަޝްރޫޢާއި ޝަންގްރިއްލާ ރިސޯޓުގެ ވަޒީފާތަކާ ގުޅޭގޮތުން ސަރުކާރުން ދައްކަމުންދަނީ ފޭކު ވާހަކަތަކެއްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެމްޑީޕީ ސަރުކާރުގައި ފައިނޭންސް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫޢު މިހާރު މަޑުޖެހިފައިވަނީ މި ސަރުކާރުގެ ނާޤާބިލުކަމުން ކަމަށާއި، އައްޑޫ ލިންކްރޯޑުގެ މަސައްކަތް އެތައް ދުވަހެއް ވަންދެން ނުނިމި ދިގުލައިގެން ދިއުމަކީ ވަގުތު ބޭކާރުކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ. ހަންކެޑެ ނުހުޅުވި ލަސްވާ ސަބަބު ސަރުކާރާ ސުވާލުކުރާނެ ކެންޑިޑޭޓަކީ އޭނާކަމުގެ ޔަޤީންކަން ސޯބެ ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ނޫސްވެރިންނަށް އަމާޒުކޮށް ސަރުކާރުގެ ފަރާތްތަކުން ހުތުރު ބަސްތައް ރައްދުކުރަމުންދާތީ އެކަން ކުށްވެރިކުރައްވައި، ސޯބެ ވިދާޅުވީ އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު "ޓްރަމްޕް" އަށް ވެވަޑައިގަންނަވަން އުޅުއްވާތީ ފެންނަ ކަންކަން ކަމަށެވެ. ސޯބެ ވިދާޅުވި ގޮތުގައި ހިތަދޫ އުތުރު ދާއިރާއަކީ މުޅި ރާއްޖެއަށްވެސް މުހިންމު ދާއިރާއެކެވެ. އަދި އެ ދާއިރާ ތަމްސީލުކުރަންވާނީ މުޅި އައްޑޫގައި ނުކުރެވި ހުރި ކަންކަމާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފަދަ ޤާބިލު މީހެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ