މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށަށް ހިނގައްޖެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 11،411 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި އެ ސަރަހައްދުން ރާއްޖެއަށް އައި 22،528 ފަތުރުވެރިންނާ އަޅާބަލާއިރު 49.3 ޕަސެންޓުގެ ބޮޑު ދަށްވުމެކެވެ. ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލު އިސްވެ އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމައިގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ހަނގުރާމައިގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، މި އަހަރުގެ މާޗް މަހު މެދުއިރުމަތިން އައި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 68.4 ޕަސެންޓް ދަށަށް ގޮސްފައެވެ. އަދި އޭގެ ފަހުން އެޕްރީލް މަހު މި އަދަދު ވަނީ 73.3 ޕަސެންޓަށް ވެއްޓިފައެވެ. މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުން އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ މަދުވެފައެވެ. އެގޮތުން އެޕްރީލް މަހުގެ ނިޔަލަށް އެފްރިކާ ބައްރުން އައި ފަތުރުވެރިންގެ އަދަދު 31 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، އެމެރިކާ ބައްރުގެ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ 23.1 ޕަސެންޓް ދަށަށް ގޮސްފައެވެ.
ކޮމެންޓު ފޮނުވާ