ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަތަނީ ޚިދުމަތް" ޕްރޮގްރާމުގެ ދެވަނަ ބެޗުގެ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާ 77 ޒުވާނަކު މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް' ގައި ޙިއްސާކުރެއްވި ގޮތުގައި، މިއަދު ފުރި ޒުވާނުންނަކީ މި ޕްރޮގްރާމްގެ ދެވަނަ ބެޗު ފުރިހަމަކުރުމަށްފަހު ފަންނީ ދާއިރާތަކުން ކުރިއަށްދާން ބޭނުންވި ބައިވެރިންނެވެ. މި ކުދިން ތަމްރީނު ހޯދުމަށް ހަމަޖެހިފައިވަނީ ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ "ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް" އިންނެވެ.
މި ތަމްރީނުތަކުގައި ބައިވެރިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު މި ޒުވާނުންނަށް ފަހިވެގެންދާނެއެވެ. ޒުވާނުން ބާރުވެރިކުރުވައި، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޤައުމިއްޔަތަށް ލޯބިކުރާ، ޖިސްމާނީ އަދި ރޫޙާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މި މުހިންމު މަޝްރޫޢުގެ އެންމެ ބޮޑު އަމާޒެވެ.
ކޮމެންޓު ފޮނުވާ