ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި އެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އާ އޮނިގަނޑުގެ ދަށުން، މަޤާމުތަކަށް އޮފިސަރުން އައްޔަންކުރުމާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި މި ބަދަލަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ނިޒާމެއް ޤާއިމުކޮށް، މުއައްސަސާގެ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށް ގެނެވުނު ބަދަލެކެވެ.
މުޅިން އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން ފުލުހުންގެ މުހިންމު މަސައްކަތްތައް ވަނީ އެކި ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކޮށްފައެވެ. އޭގެ ތެރޭގައި އޮފީސް އޮފް ދަ ކޮމިޝަނަރ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕްރޮފެޝަނަލް ސްޓެންޑާޑްސް، އިންޓެލިޖެންސް، ފޮރެންސިކް، ސެންޓްރަލް އިންވެސްޓިގޭޝަންސް، އަދި މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ކޮމާންޑްތަކުގެ އިތުރުން ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީއާއި ސަޕޯޓް ސަރވިސްތައް ހިމެނެއެވެ.
މި މުހިންމު ބަދަލާއެކު، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފުލުހުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުއައްސަސާގައި ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ