މާލެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓުވެ، އޭގައި ތިބި ދެ ފަޅުވެރިއަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވިލިމާލެއިން ފުރައިގެން ގިލި ލަންކަންފުށި ރިސޯޓަށް ދަތުރުކުރަމުންދިޔަ "ޓުއަ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް ވިލިމާލެއާ ވަރަށް ކައިރީގައި އޮއްވައެވެ. މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގެ ސަބަބުން ލޯންޗުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ ހަލާކުވެފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ