ރާއްޖޭގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދި ފިންލޭންޑުގެ ޑައިވަރުންނަށް އިޓަލީގެ އެންމެ މަތީ ޝަރަފު

ރާއްޖޭގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދި ފިންލޭންޑުގެ ޑައިވަރުންނަށް އިޓަލީގެ އެންމެ މަތީ ޝަރަފު

Author
އަހުމަދު
31 މެއި 2026 08:22
0

ރާއްޖޭގެ ކަނޑު އަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ތިން ޑައިވަރަކަށް، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އެ ގައުމުގެ އެންމެ މަތީ ޝަރަފު ދެއްވައިފި އެވެ.

އާންމުންނަށް އިޓަލީން ދޭ އެންމެ މަތީ އެވޯޑު ކަމަށްވާ "މެރިޓްގެ ޝަރަފު" ލިބުނު ފިންލޭންޑުގެ ތިން މާހިރުންނަކީ ސާމީ ޕާކަރިނެން އާއި ޖެނީ ވެސްޓަލޭންޑްގެ އިތުރުން ޕެޓްރިކް ގްރޮންކްވިސްޓް އެވެ. މި މީހުންނަކީ ނުރައްކާތެރި ހާލަތްތަކުގައި ހޮހޮޅަތަކަށް ފީނުމާއި މީހުން ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކުގައި ކުރިންވެސް ބައިވެރިވެފައިވާ ތަޖުރިބާކާރުންނެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެވޯޑު އެމީހުންނަށް ދީފައިވަނީ އެ އޮޕަރޭޝަންގައި އެމީހުން ދެއްކި ހިތްވަރާއި ކުޅަދާނަކަން ފާހަގަކުރުމުގެ ގޮތުންނެވެ.

މި ޝަރަފު އެމީހުންނާ ހަވާލުކޮށްފައިވަނީ ހާދިސާގައި މަރުވި އިޓަލީގެ ދެ މައިންގެ ޖަނާޒާ ބޭއްވި ދުވަހު އެވެ. ހާދިސާގައި މަރުވި އެންމެންގެ ހަށިތައް އެގައުމަށް ގެންގޮސްފައިވާއިރު، އެންމެ ފަހުން ޖަނާޒާ ބާއްވާފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސެމަކަލްގެ އެވެ. އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން ދެހާހެއްހާ މީހުން މި ޖަނާޒާގައި ބައިވެރިވިކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ މަރުވެފަ އެވެ. މަހުދީގެ މަރުގެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ދިވެހި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.