މާފަންނު ގެއެއްގައި އަލިފާން ރޯވެ، ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

މާފަންނު ގެއެއްގައި އަލިފާން ރޯވެ، ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

Author
އަހުމަދު
28 މެއި 2026 11:27
0

މާލޭގެ މާފަންނުގައި ހުރި ގެއެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، މ. ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި ހިނގި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:50 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 17:27 ގައެވެ. މި ހާދިސާގައި އަލިފާން އެންމެ ފުރަތަމަ ރޯވެފައިވަނީ އެތަނުގައި އޮތް ގޮދަޑިއެއްގައެވެ.

މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފްއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި ކޮޓަރީގައި ހުރި ދެ ބަންކް ބެޑް ވަނީ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އޭގެ އިތުރުން މުޅި އެޕާޓްމެންޓަށާއި ބަދިގެއަށްވެސް ވަނީ ދުމުގެ އަސަރުކޮށް ކަޅުދިލަ ހިފާފައެވެ. ގޮދަޑީގައި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި އަންނަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.