ވ. އަތޮޅުގައި މަރުވި އިޓަލީ ޑައިވަރުންގެ މަރުގެ ސަބަބު އޮޓޮޕްސީން ހާމަވެއްޖެ

ވ. އަތޮޅުގައި މަރުވި އިޓަލީ ޑައިވަރުންގެ މަރުގެ ސަބަބު އޮޓޮޕްސީން ހާމަވެއްޖެ

Author
އަހުމަދު
28 މެއި 2026 05:14
0

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ޑައިވަރުން މަރުވީ އޮކްސިޖަން ނުލިބި ގެނބިގެންކަން އެމީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ހާމަވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ހަމަ އެ ދުވަހު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑުތައް ހޯދާފައިވަނީ ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކާއި އެމްއެންޑީއެފް ގުޅިގެން ހިންގި ނުރައްކާތެރި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މަރުވި ހުރިހާ އެންމެންގެ ހަށިގަނޑުތައް ވެސް މިހާރު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރެއިން ދެމީހެއްގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ. އެއީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އެވެ.

ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ އޮކްސިޖަން ފުޅިން ވައި ހުސްވުން ނުވަތަ އޮކްސިޖަން ނުލިބުމުގެ ސަބަބުން ގެނބުމެވެ. މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ދިވެހި ފުލުހުންނާއި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދާއިރު، އޮޓޮޕްސީގެ ފައިނަލް ރިޕޯޓާއި އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.