"މިނޫނީ ޤައުމެއް ނޯންނާނެ އެޤައުމެއްގެ ވަޒީރުން، އެހެން ޤައުމަކުން ބޭނުން ކޮންމެ ހިނދެއްގައި އެޤައުމު ހިފައި އަލުވެތިކުރެވިދާނެ ކަމަށް ބުނުމަށްފަހު އިސްތިއުފާ ނުދީ ތިބެވޭނެ."
މިއީ އިންޑިއާއިން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވިޔަސް އެޤައުމުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދާނެކަމަށާއި، އިންޑިއާއިން ރާއްޖެ ހިފާ ދަށުކޮށްލަން ބޭނުންނަމަ މިހާރު އޮންނާނީ އެކަންކޮށްފައިކަމަށް މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވުމުން މީހަކު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުޢޫރެކެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރ ފައްޔާޟް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން އެތައް ބައެއްގެ ލޭވަނީ ކައްކުވާލާފައެވެ. ދައުލަތުގެ ވަޒީރެއްގެ މަޤާމުގައި ހުންވައިގެން ޤައުމުގެ އަޅުވެތިކަމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް ދެއްކުމަކީ އަޅުގަނޑުމެން ދިވެހި ލޭ ހިނގާ އެއްވެސް ދިވެއްސަކަށް ހަޖަމުކުރެވޭނެ ކަމަކަށް ނުވިއެވެ. މިއާއެކު ސޯޝަލް މީޑިއާގައި އެތައް ރައްޔިތުނެއް ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ.
ރޭ ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިސަރުކާރުގެ އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒުގަދަކަމަށް އަޑުފެތުރިފައިވާ އިޤްތިޞާދާއި ބެހޭ ވަޒީރު ވިދާޅުވެފައިވަނީ އިންޑިއާއަކީ މިސަރަހައްދުގައި އޮތް ވަރަށް ބޮޑު ވަރަށް ވަރުގަދަ ޤައުމެއްކަމަށާއި، ރާއްޖެއާ އެތައް ޤަރުނެއްގެ ގުޅުމެއްއޮތް ޤައުމެއްކަމަށެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެ ހިފައި އެޤައުމުގެ ދަށަށް ގެންދަން ބޭނުންވެއްޖެނަމަ އެކަން އޮންނާނީ މިހާރުވެސް ކޮށްފައިކަމަށާއި، ދިވެހިންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.
"އިންޑިއާއިން ދިވެހިރާއްޖެ ހިފައި އިންޑިއާގެ ދަށުކޮއްލަން ބޭނުންވެއްޖާމުން އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ސިފައިން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން މިދަންނަވަނީ. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ޤައުމެކޭ މިދަންނަވަނީ. އެއީ އަޅުގަނޑުމެން އެންމެން މަރާފައިވެސް އެމީހުން ބޭނުމިއްޔާ ކުރާނެއޭ"
– މިނިސްޓަރ ފައްޔާޟް
މިނިސްޓަރގެ މިވާހަކަފުޅާއި ގުޅިގެން ޝެއިޚް ޝަފީޢު ކުރެއްވި ޕޯސްޓެއްގައި ވަނީ ޤައުމާ މެދު އެއްވެސް ޣީރަތްތެރިކަމެއް ނެތް ބަޔަކަށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތެއް ނުކުރެވޭނެކަމަށެވެ. ހިތާމައަކީ ޤައުމުގެ ހުންގާނު އެފަދަ ބަޔަކާ ހަވާލުކުރެވިފައިވާ ކަން.ކަމަށާއި، އެކަމުގެ ހިތިކަން މިއަދު އިހްސާސުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޟް ދެއްކެވި ވާހަކަފުޅަކީ އެހެން ޤައުމެއް ނަމަ ވަޤުތުން މަޤާމުން އިސްތިއުފާ ދޭން ޖެހޭނެކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މި ނޫނީ ޤައުމެއް ނޯންނާނެ އެޤައުމެއްގެ ވަޒީރުން، އެހެން ޤައުމަކުން ބޭނުން ކޮންމެ ހިނދެއްގައި އެޤައުމު ހިފިއި އަޅުވެތި ކުރެވިދާނެ ކަމަށް ބުނުމަށްފަހު، މަޤާމުން އިސްތިއުފާ ނުދީ ތިބެވޭނެ.
އެހެން ޤައުމެއް ނަމަ ވަޤުތުން މަޤާމުން އިސްތިއުފާ ދޭން ޖެހޭނެ . މިކަމާ ވިސްނަވާ ރައްޔިތުން.— Shafeeu Abdullah (@SheikhShafeeu) October 11, 2020
ފައްޔާޟްގެ ވާހަކަފުޅައި ގުޅިގެން ސަރުކާރަށް ފަޑުކިއުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށެވެ. އަދި ހުރިހާ ދިވެހިން މަރާލުމަށްފަހު، އިންޑިޔާއިން ބޭނުންވެއްޖެނަމަ، ރާއްޖެ ހިފިދާނެ ކަމުގައި ސަރުކާރުން ބުނުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ޔަޤީންކަމެއް ނެތްކަން ދޭހަވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
Bavanavefaivaa dhuniye ehgai, evves qaumakah DhivehiRaajje nuhifeyne! Hurihaa Dhivehin maraafai ves India beynun nama, Raajje hifaanekamah sarukaarun bunumakee rayyithunge salaamathaai rakkaatherikamaai medhu evves yaqeenkameh neiykan dheha kohdhey kameh. https://t.co/Ni7aej0duP
— Adam Shareef Umar (@Adamshareefz) October 11, 2020
ދިވެހިން މަރާފައި އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރަކު ވިދާޅުވުމަކީ ލަދުވެތި ދަށުދަރަޖައިގެ ބަހެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދުވެސް ވަނީ ވިދާޅުވެފައެވެ.
"Dhivehin Maraafa viyas india in raajje hifidhaane" kamah Raajje ge Minister aku vidhaalhuvumaky v ladhu vethi dhashu dharajaige baheh kamugai dhekemeve! Veringe therein baeh beyfulhunge basmagu midharaja ah vettigen dhiyumy ehves haalejgai balaiganeveyne kameh nooneve!
— Ali Zaid (@alizaid1000) October 11, 2020
ފައްޔާޟްގެ ވާހަކަފުޅަށް އިޝާރަތްކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބދުﷲ ދީދީ ވިދާޅުވީ މިނިސްޓަރ އެދެއްކެވި ވާހަކައިގެ މަޤްޞަދަކީ އަޞްލު މައްސަލައިގެ ފޯކަސް ގެއްލުވާލުންކަމަށެވެ.
މިކަހަލަ ވާހަކައިގެ މަޤްޞަދަކީ އަޞްލު މައްސަލައިގެ ފޯކަސް ގެއްލުވާލުން. މިޒަމާނުގައި ބޮޑު ޤައުމަކުން ކުޑަ ޤައުމެއްގެ ދާޚިލީ އަދި ޚާރިޖީކަންކަން ކޮންޓްރޯލްކުރަނީ ކޮންމެހެން އެޤައުމެއް ހިފައިގެނެއް ނޫން. ސިއްރު އެއްބަސްވުންތަކަކީ ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކަލެއް https://t.co/qREPgVrOwA
— Dr. Ahmed Abdulla Didi (@AABDULLADIDI) October 11, 2020
އިންޑިއާގެ ނުފޫޒާއި މެދު ކަންބޮޑުވެގެން ވާހަކަ ދައްކާ މީހުން އެ ދައްކަނީ އެ ހާލަތަށް ޤައުމު ގޮސްދާނެ ކަމުގެ ބިރަށްޓަކައިކަން މިއަދު ހާމަވާ ސަބަބުތަކެއް އެބަހުއްޓެވެ. އެކަން ޤައުމީ ސަލާމަތާއި ބެހޭ އެންމެހާ ޒިންމާތަށް އިސްތަށިފުޅުގައި އަޅުވައިގެން ހުންނެވި ދިފާއީ ވަޒީރުގެ ވާހަކަފުޅުންވެސް ހާމަވެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭ ހިފާނެ ކަމުގެ "އިންޓެންޝަން" އިންޑިއާގެ ނެތްކަމުގައިވީ ނަމަވެސް އިންޑިއާއިން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ ހިފިދާނެކަމަށެވެ. އަދި ރާއްޖޭގައި ހުރި ވަސީލަތްތަކާއި އެކު ރާއްޖެއިން އިންޑިއާ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.
އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް މިނިސްޓަރ ފައްޔާޟާއި މާރިޔާ ވިދާޅުވެފައިވާއިރު މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދާ ކަމަކީވެސް އިންޑިޔާއާއި ރާއްޖެއާ ދެމެދު ބާއްވަމުންދާ ގާތް ގުޅުމެވެ. މިކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އޮތްކަމަށް ގިނަބަޔަކު ތުހުމަތުކުރަމުން ގެންދެއެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ތުހުމަތުކުރަމުންދާއިރު، ޑިފެންސް މިނިސްޓްރީއިންވެސް މިހާތަނަށް އެވާހަކަ ދޮގުކޮށްފައެއްނުވެއެވެ. އިންޑިއާ ސިފައިންގެ ތެރެއިން ރާއްޖޭގައި ތިބީ ކިހާ އަދަދެއްގެ ސިފައިންތޯ ތަކުރާރުކޮށް އަހަމުންދާއިރު، އެސުވާލަށްވެސް މިވީހާތަނަށް ސަރުކާރުން ޖަވާބެއް ދީފައެއް ނުވެއެވެ.
ދައުލަތުގެ އެންމެ އިސްވެރިންގެ ވާހަކަފުޅުގައި ޤައުމު އަޅުވެތި ކުރެވިދާނެފަދަ ވާހަކަފުޅުތައް ވިދާޅުވަމުންދާއިރު ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ އެއްވެސް ޤައުމަކުން އަނެއް ޤައުމު އިސްތިޢުމާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމެވެ. އެއީ އަދުގެ ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމު ތަރުތީބުވެފައި އޮތް ގޮތުން ފަސޭހަކަމެއްވެސް ނޫނެވެ.
ކޮމެންޓު ފޮނުވާ