އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅަކަށް ޖެހުނު ކަމުގައިވިޔަސް އެއްވެސް މެމްބަރަކު ބާކީކޮށް އެކަހެރި ނުކުރާނެ ކަމުގެ ޔަޤީންކަން އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމް ދެއްވައިފިއެވެ.
"އިތުބާރު" ކެމްޕެއިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އިންތިޚާބު ނިމުމަށްފަހު ވަކި ކޮޅަކަށް ތާއީދުކުރި މެމްބަރުން ފަހަތަށް ޖައްސަންޖެހޭނެ ކަމަށެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މީކާއިލް ވިދާޅުވީ ޕާޓީގެ އެތެރޭގެ ގުޅުންތަކަށް ބެލުމެއްނެތި ހަމަހަމަ ފުރުޞަތުތަކެއް ދޭންޖެހޭނެ ކަމަށާއި، ވަކި ކޮޅަކަށް ތާއީދުކުރުމުން އެމްޑީޕީގެ މެމްބަރުން އެކަހެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އޭނާގެ ޗެއަރޕާސަން ކަމުގެ ދަށުން ޕާޓީގެ އިސް ސަފަށް އަންނަން ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ ފުރުޞަތު ހުޅުވިފައި އޮންނާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ޕާޓީގެ ޙަރަކާތްތައް މަޑުޖެހިފައިވާތީ އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި، އެކި ސަބަބުތަކާހުރެ ޙަރަކާތްތައް މަޑުޖެހިފައިވީ ނަމަވެސް، ޕާޓީ ބައިބައިވެގެންދާތަން ދެކެން އާންމު މެމްބަރުން ބޭނުންނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕާޓީ ބައިބައިވުމަށް އެއްވެސް ފުރުޞަތެއް ނުދެއްވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އަޑު ޕާޓީގެ ކަންކަމުގައި އިވޭނެ ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށެވެ.
ރަށްރަށުގައި ހުރި އެމްޑީޕީގެ އޮފީސްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން މީކާއިލް ވިދާޅުވީ، ވަސީލަތްތައް ނެތުމުގެ ސަބަބުން ބައެއް ސަރަޙައްދީ އޮފީސްތަކުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. އަދި އެ އޮފީސްތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވަޢުދުވެވަޑައިގަތެވެ.
ޕާޓީގެ އިދާރީ ހިންގުމަށާއި އާންމު އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ، މި އިޞްލާޙުތައް ގެންނާނީ އާންމު މެމްބަރުންގެ މަޝްވަރާއާއެކު ކަމަށެވެ.
ޕާޓީގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މިކަން ޙާޞިލުކުރުމަށްޓަކައި ޕާޓީގެ ލީޑަރޝިޕަށް އައު ޒުވާން މޫނުތައް ނެރެންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ސިޔާސީ މައިދާނަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށާއި، އޭނާގެ މައިގަނޑު އަމާޒަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުންގެ އިތުބާރު ހޯދުން ކަމުގައި މީކާއިލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ