ރާއްޖޭގައި ޑައިވްކުރަން އުޅެނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި، އެ ގައުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އިޓަލީގެ ގަލަރޭޓް ހޮސްޕިޓަލުގައި މި ތަހުލީލުތައް ކުރިއަށްދާއިރު، މިހާތަނަށް ބެލިބެލުމުން ހަށިގަނޑުގައި އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. މެޑިކޯ-ލީގަލް މާހިރުން ބުނާގޮތުގައި މަރުވި ސީދާ ސަބަބު ޔަގީންވާނީ ޓޮކްސިކޮލޮޖީ އަދި ހިސްޓޮލޮޖިކަލް ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ. މި މަސައްކަތް ލީޑުކުރައްވާ ފޮރެންސިކް ސައިންޓިސްޓް ލޫކާ ތަޖާނާ ވިދާޅުވީ، މިހާތަނަށް ބެލެވޭ ގޮތުގައި އެމީހުން މަރުވީ ނޭވާ ހާސްވެ ގެނބިގެން ކަމަށެވެ.
މިމަހުގެ 22 ވަނަ ދުވަހު ވ. އަތޮޅުގެ ހޮހަޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް މަރުވެފައިވަނީ ޖިއަންލޫކާ ބެނެޑެޓީ، ފެޑެރިކޯ ގުއަލްޓިއޭރީ، މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކާލް އަދި މުރިއަލް އޮޑެނީނޯއެވެ. މީގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު 165 ފޫޓު އަޑިން ފެނިފައިވާއިރު، އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ޗެމްބަރަށް ވަންނަ ދޮރުމަތިންނެވެ. މީގެ ތެރެއިން ދެ މީހެއްގެ އޮޓޯޕްސީ ނިމިފައިވާއިރު، އަނެއް ތިން މީހުންގެ އޮޓޯޕްސީގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން އަންނަނީ އިތުރު ތަހުގީގުތައް ހިންގަމުންނެވެ. އެގޮތުން މިއީ ޔުނިވާސިޓީގެ ރަސްމީ ދަތުރެއްތޯ ނުވަތަ އަމިއްލަ ދަތުރެއްތޯ ބެލުމުގެ އިތުރުން، ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފުޓޭޖުތައް މެދުވެރިކޮށް، އެހާ ނުރައްކާތެރި ހިސާބަކަށް އެމީހުންނަށް ދެވުނު ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި މައްސަލައިގެ ފައިނަލް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ