އެމްޑީޕީގެ މެމްބަރުން ނަޝީދުގެ ކިބައިން މާފަށް އެދެން ނުޖެހޭނެ: މީކާއީލް

އެމްޑީޕީގެ މެމްބަރުން ނަޝީދުގެ ކިބައިން މާފަށް އެދެން ނުޖެހޭނެ: މީކާއީލް

Author
އަހުމަދު
23 މެއި 2026 09:29
0

އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަވަން ޖެހުމުން އެ ޕާޓީގެ އާންމު މެމްބަރުން އެ މަނިކުފާނުގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އާންމު މެމްބަރުން އެއްވެސް ބޭފުޅެއްގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މީކާއީލް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ރައީސްކަމާއި ޝަރަފު ލިބިވަޑައިގަތީ އާންމު މެމްބަރުންގެ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި ގުރުބާނީންނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދު ޕާޓީ ދޫކުރެއްވުމަކީ، އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި ސިޔާސީ މަންފާއަށްޓަކައި އެތައް ހާސް މެމްބަރުން މަގުމަތިކޮށްލުން ކަމަށް ވެސް މީކާއީލް ސިފަކުރެއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ، އެމްޑީޕީ ދޫކޮށްލަން ޖެހުމަކީ އެ މަނިކުފާނަށް ވަރަށް ދެރަވި ކަމެއް ކަމަށާއި އެމްޑީޕީއަކީ އެ މަނިކުފާނުގެ މުޅި ހަޔާތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް މާފަށް އެދިވަޑައިގަތުމަށްފަހު، އާންމު މެމްބަރުން ވެސް އެ މަނިކުފާނުގެ ކިބައިން މާފަށް އެދުމަށް ވަނީ ގޮވާލައްވާފަ އެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވަނީ ޕާޓީން ދުރަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވި ސަބަބުތައް ވެސް ހާމަކުރައްވާފަ އެވެ. އޭގެ ތެރޭގައި، 2019 ވަނަ އަހަރުން ފެށިގެން ރައީސް ސޯލިހު އެ މަނިކުފާނާ ވާހަކަފުޅު ދެއްކެވުން ހުއްޓަވާލެއްވުމާއި، މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގު ދިޔަ ގޮތުގެ އިތުރުން، ރިޔާސީ ޕްރައިމަރީއަށްފަހު އަލީ އާޒިމް ޕާޓީން ވަކިކޮށް، ހަސަން ލަތީފާއި އިލްޔާސް ލަބީބް އަދި އީވާ އަބްދުﷲ ފަދަ ބޭފުޅުން ވެސް ޕާޓީން ވަކިކުރަން އުޅުން ހިމެނޭކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެ ހިސާބަށް ކަންކަން ދިއުމުން ޕާޓީގައި ހުންނަވަން ލަދުވެތިވެވަޑައިގަތީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.