ރައީސް ސޯލިހް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅުގައި ކޯވިޑް-19ގެ ވެކްސިން ޖެއްސެވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެފުރުސަތު ރައީސް ޞާލިހު ދޫކޮށްލައިވައިފިއެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހު ޔޫއޭއީގައި ވެކްސިން ޖައްސަވަން ބޭނުންފުޅުނުވީ ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ނުލިބެނީސް އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ބޭނުންފުޅު ނުވާތީއެވެ. ރައީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހުދުން ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ގަނޑުވަރުކޮޅުގައި އެމަނިކުފާނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި ތަފާތު އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. ރައީސް ޔޫއޭއީއަށް މިކުރެއްވި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެކެވެ.
ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ ޤަރާރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވީހިނދު، އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.
ވެކްސިން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިންގެ ފުރަތަމަ ބައި ގެނެވޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ