ވ. އަތޮޅުގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިތައް މިރޭ އެ ގައުމަށް ފޮނުވާލަނީ

ވ. އަތޮޅުގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިތައް މިރޭ އެ ގައުމަށް ފޮނުވާލަނީ

Author
އަހުމަދު
22 މެއި 2026 09:46
0

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު މިރޭ އެ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި ހަތަރު މީހުންގެ ހަށިގަނޑު ފޮނުވާލުމަށްފަހު އިޓަލީގައި ޕޯސްޓްމޯޓަމް ހަދާނެއެވެ. އަދި އޭގެ ރިޕޯޓު ރާއްޖޭގެ ތަހުގީގީ ޓީމާ ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި އެންމެ ފުރަތަމަ ފެނުނު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު މި މަހުގެ 19 ވަނަ ދުވަހު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. ދިވެހި ފުލުހުންގެ ތަހުގީގުގެ އިތުރުން، އިހުމާލުން މީހަކު މަރުވިތޯ ބެލުމަށް އިޓަލީގެ ޕްރޮސެކިއުޓަރުން ވެސް ވަނީ އެ ގައުމުގައި ހާއްސަ ތަހުގީގެއް ފަށާފައެވެ.

މީހުން ހޯދުމުގައި އުޅުނު ޑައިވަރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަޖުރިބާކާރު ޑައިވަރުންނަށް ހާދިސާ ދިމާވީ ހޮހަޅައިގެ ތެރޭގައި އުފެދުނު "ސޭންޑް ވޯލް އިލިއުޝަން" ނުވަތަ ވެލީގެ ފާރެއް ކަމަށް ހީކޮށް އޮޅުން އެރުމުގެ ސަބަބުންނެވެ.

ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މި ޓީމަކީ ރާއްޖޭގެ ސޮފްޓްކޮރަލް ދިރާސާކުރަން ހުއްދަ ނަގައިގެން އައި ބައެކެވެ. ނަމަވެސް އެ ޓީމުގައި ހުއްދަ ނެތް ދެ މީހަކު ހިމެނޭ ކަމަށާއި، ހޮހަޅައަށް ވަންނަން އުޅޭކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައި ނުވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.