މަރުވި އިޓަލީގެ 5 ޑައިވަރުން ހަށިގަނޑު ނަގަން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި

މަރުވި އިޓަލީގެ 5 ޑައިވަރުން ހަށިގަނޑު ނަގަން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި

Author
އަހުމަދު
22 މެއި 2026 10:51
0

ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހޮޅައެއްގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑު ނެގުމަށް ކުރިއަށްގެންދިޔަ ބައިނަލްއަޤުވާމީ އޮޕަރޭޝަން، ހަތަރު ދުވަހުގެ މަސައްކަތަށްފަހު އިއްޔެ ނިންމާލައިފިއެވެ.

ޑޭން ޔޫރޮޕުން ކޯޑިނޭޓްކޮށްގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ އެންމެ ފަހުގެ ޑައިވްގައި މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ހާދިސާ ހިނގި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތެވެ. އެގޮތުން ހޮހޮޅައިގައި ހަރުކުރި ގައިޑް ލައިންތަކާއި އޮޕަރޭޝަނުގައި ބޭނުންކުރި އެހެނިހެން އާލާތްތައް ނަގައި، އެތަން ކުރިން ހުރި ގޮތަށް ވަނީ އިއާދަކޮށްފައެވެ. އަދި ތަޙުޤީޤަށް ބޭނުންވާ މުހިންމު ސާމާނުތަކާއި ޑައިވަރުންގެ އިކުއިޕްމަންޓްތައް ހިމެނޭހެން، ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ރަސްމީކޮށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.

އިއްޔެގެ މޫސުން ގޯސްވެ، ވައިގަދަވުމާއި ކަނޑުމަތީގެ އޮއިބާރުވުމުގެ ސަބަބުން ފީނުމުގެ މަސައްކަތް ފެށުން ޕްލޭނަށްވުރެ ދޮޅު ގަޑިއިރަށް ލަސްވިއެވެ. އެހެންނަމަވެސް، ފިންލެންޑުގެ ތިން ޑައިވަރުންގެ ޓީމަކުން ވަނީ ޖުމުލަ ތިން ގަޑިއިރުގެ ޑައިވެއްކޮށް، އޭގެ ތެރެއިން 50 މިނެޓު ހޮހޮޅައިގެ އެތެރޭގައި ހޭދަކޮށްފައެވެ. މި އޮޕަރޭޝަންގައި ފިންލެންޑުގެ ޑައިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނީ ދިވެހި ސިފައިންގެ ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިން ޔުނިޓުގެ އިތުރުން އިޓަލީގެ ކަމާބެހޭ ފަރާތްތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.