ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅާގައި އިޓަލީ ފަސް ޑައިވަރުން މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު!

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅާގައި އިޓަލީ ފަސް ޑައިވަރުން މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު!

Author
އަހުމަދު
22 މެއި 2026 10:46
0

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އިޓަލީގެ ފަސް ޑައިވަރުން މަރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ "ސޭންޑް ވޯލް އިލިއުޝަން" ކަމަށް އެމީހުން ހޯދުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ތަޖުރިބާކާރުން ހާމަކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި ޑައިވަރުންނަށް ހޮހަޅައިގެ ތެރެއިން މަގު އޮޅުނީ ވެލިތައް ހަލަބޮލިވެ، ފެނުގެ ތެރޭގައި ފެތުރިގެން ދިއުމުން ކުރިމަތީގައި ފާރެއް ހުރި ކަމަށް ލޮލަށް ސިފަވާ "ސޭންޑް ވޯލް އިލިއުޝަން" އާ ހެދިއެވެ. މިކަމުގެ ސަބަބުން ނުކުންނާނެ މަގު ނުފެނި، ހާސްކަމުގެ ތެރޭގައި އެމީހުންނަށް އިތުރަށް އެތެރެއަށް ދެވި، ވަދެވުނީ ހޮހަޅައިގެ އެންމެ އެތެރޭގައިވާ ކޮޅުބެދިފައިވާ ތިންވަނަ ޗެމްބަރަށެވެ. ގާތްގަނޑަކަށް 50 މީޓަރުގެ ފުންމިނެއްގައި އާދައިގެ 12 ލީޓަރުގެ ވައިފުޅިއެއް ބޭނުންކުރުމާއި، ބިރުގަނެ ހާސްވުމުގެ ސަބަބުން ނޭވާލުން އަވަސްވެ، ފުޅީގައި ހުރި ވައިކޮޅު ވަރަށް އަވަހަށް ހުސްވީ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

މި ފަސް މީހުން ގެއްލިގެން ރިޕޯޓުކުރުމާއެކު ފެށި އޮޕަރޭޝަނުގައި ފުރަތަމަ މީހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މަސައްކަތް މެދުކަނޑާލިއެވެ. އޭގެ ފަހުން މި މަހުގެ 18 ވަނަ ދުވަހު މަސައްކަތް އަލުން ފެށީ އިޓަލީ ސަރުކާރުން ގެނައި ފިންލެންޑުގެ ހާއްސަ ޑައިވަރުންގެ ޓީމަކާ އެކުގައެވެ.

ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 20 އަހަރާއި 52 އަހަރާ ދެމެދުގެ ފަސް މީހުންނެވެ. އެއީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. މި މީހުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލް ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެއް ނަމަވެސް، މީގެ ތެރެއިން ދެ މީހެއްގެ އަތުގައި ހުއްދަ ނެތްކަމަށާއި އަދި ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައިނުވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރުމަށްޓަކައި، ޑައިވަރުން ބޭނުންކުރި ގޯޕްރޯ ކެމެރާތަކުގެ ފުޓޭޖުތަކާއި ޑައިވިންގ ސާމާނުތައް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުލީލުކުރަމުންނެވެ. މީގެ އިތުރުން، މި ޓީމު ދަތުރުކުރި "ޑިއުކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ހިފަހައްޓައި، މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ. ބޭރުގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި މިއީ ކޭވް ޑައިވިންގްގައި އަމަލުކުރަންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް ލިބުނު ވަރަށް ބޮޑު އިންޒާރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.