ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި ޤާއިމުކުރާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން އަލަށް ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތައް ބަލައިގަތުމަށް 24 ގަޑިއިރު ޚިދުމަތްދޭ މި އޮފީސް ޤާއިމުކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
މި ބިއުރޯއަށް ހުށަހަޅާ ޝަކުވާތައް މެނޭޖުކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ފަރުމާކޮށްފައިވާ ޒަމާނީ ޑިޖިޓަލް ސިސްޓަމެއް މެދުވެރިކޮށެވެ. މީގެ ސަބަބުން ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކޮށް، ރައްޔިތުންނަށް ވަރަށް އަވަހަށް ޖަވާބުދާރީވެވޭނެކަން ފާހަގަކުރައްވައި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކޯލް ސެންޓަރެއްވެސް މި ބިއުރޯގެ ބައެއްގެ ގޮތުގައި ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިއުރޯގެ މަޢުލޫމާތުގެ އިތުރުން، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުން އެކި ދާއިރާތަކުން ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ