"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށް، މިއަދުން ފެށިގެން އެޕްލިކޭޝަން ބަލައިގަންނަން ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކުރިން ފްލެޓަށް ކުރިމަތިލާން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތުން އަމިއްލައަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާ އެކު، އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް އެ ފަރާތްތަކުގެ ނަމުގައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި ކެޓަގަރީގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރިމަތިލެވޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މި ކެޓަގަރީއަށް ގެނައި އެންމެ ބޮޑު ލުޔަކީ، އާންމު ކެޓަގަރީތަކަށް ކުރިމަތިލާ ފަރާތްތަކަށް ހުރި ޝަރުތުތައް މިފަރާތްތަކަށް ނުހިނގާ ގޮތަށް ހެދުމެވެ. އެގޮތުން، މާލޭގެ ރަށްވެއްސަކަށްވުން ނުވަތަ މާލޭގައި ދިރިއުޅޭތާ މަދުވެގެން އެއް އަހަރުވުމުގެ ޝަރުތު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަށް މިހާރު ވަނީ މުޅިން އުވާލާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 7،900 ފްލެޓްގެ ތެރެއިން 100 ފްލެޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހާއްސަކޮށްފައެވެ. މީގެ އިތުރުން، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، ޒުވާނުންނަށް 250 ފްލެޓް އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓް ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ