ސީލައިފްގެ އައްމަޓީގެ މައްސަލަ ހައި ކޯޓުގައި ފަށައިފި

ސީލައިފްގެ އައްމަޓީގެ މައްސަލަ ހައި ކޯޓުގައި ފަށައިފި

Author
އަހުމަދު
20 މެއި 2026 12:34
0

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފްކޮށް، އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް ތަރައްގީ ކުރުމަށް 2014 ވަނަ އަހަރު ސީލައިފް ގްލޯބަލްއާ ހަވާލުކުރުމާ ގުޅިގެން، ފްލެޓް ދޭނެ ކަމަށް ވައުދުވެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް ނުދިން މައްސަލާގައި ދައުލަތުން އައްމަޓީގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ކުރިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރިޔާސަތުގެ ދަށުން، އިސް ފަނޑިޔާރު އަބްދުالله ޖަމީލް މޫސާ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނޭ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިއަދުގެ އަޑުއެހުމަށްފަހު، އިތުރު އަޑުއެހުމެއް ފަހުން ތާވަލުކުރެވޭނެ ކަމަށް ބެންޗުން ވަނީ ހާމަކޮށްފައެވެ.

ހިޔާނާތުގެ މި މައްސަލާގައި ފިލައިގެން ރާއްޖެއިން ބޭރަށް ގޮސް ހުރި އައްމަޓީ ވަނީ 2021 ވަނަ އަހަރު ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައެވެ. ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ. މި މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ހައި ކޯޓުން ކުރިން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.