ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެ ގޮނޑި ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާލޭގައި ބޭއްވި ސޯބެގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ، އެމަނިކުފާނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރިހަމަ ތާއީދު ސޯބެއަށް އޮތްކަން ހާމަކުރައްވައި، ދާއިރާގެ ހުރިހާ ރައްޔިތުން ނުކުމެ ސޯބެއަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އައްޑޫ ސިޓީގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު ކުރައްވާފައިވާ ސޯބެއަކީ އައްޑޫއަށް ގެނެވުނު ޒަމާނީ ބަދަލުތަކުގެ މޭސްތިރިޔާކަން ފާހަގަކުރައްވައި، ރައީސް ޞާލިޙް ވިދާޅުވީ ފާއިތުވި ދެ އަހަރު މަޖިލީހުން ނީވޭ އެ ދާއިރާގެ އަޑު ސޯބެ އިންތިޚާބުވުމުން ވަރަށް ވަރުގަދައަށް އިއްވައިދެއްވާނެ ކަމަށެވެ.
މި ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރިގެންދިޔައިރު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދިފައި ނުވާކަމަށެވެ. އަދި މިހާރު ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލިފައިވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބާރުތައްވެސް ސަރުކާރުން ކަނޑުވާލާފައިވާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ވަގުތުން ދޫކޮށްލުމަށާއި، އެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާކޮށްގެން ހައްޔަރުކުރި އެންމެންވެސް ދޫކޮށްލުމަށް ރައީސް ޞާލިޙް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީ އަބަދުވެސް އޮންނާނީ ނޫސްވެރިންނާއެކު ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ