ވ. އަތޮޅުގައި ފީނަން އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ހަށިތައް، އެމީހުން ވަތް ކަނޑުހޮހަޅައިގެ އެންމެ ފުނުން މިއަދު ހޯދައިފިއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ، ބޭރުގެ ތަޖުރިބާކާރު ޑައިވަރުންނާއެކު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދާފައިވަނީ 50 މީޓަރުގެ ފުނުގައިވާ ކަނޑުހޮހޮޅައިގެ ތިންވަނަ ބައިންނެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވެފައިވަނީ ޑޭން ޔޫރަޕަށް ނިސްބަތްވާ ފިންލޭންޑުގެ ކޭވް ޑައިވިންގ އެކްސްޕާޓުން ކަމަށްވާ ޕެޓްރިކް ގްރޮންކްވިސްޓް، ސާމީ ޕާއްކަރިނެން އަދި ޖެނީ ވެސްޓަލަންޑް ހިމެނޭ ތިން މީހުންގެ ޓީމަކުންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ކޯސްޓްގާޑާއި ފުލުހުން އަދި މި ތަޖުރިބާކާރުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާއިރު، ކުރިއަށް ހުރި ޑައިވްތަކުގައި އެ ހަށިތައް ނެގުމުގެ މަސައްކަތް ދަނީ ރާވަމުންނެވެ. މީގެ ކުރިން ދިވެހި ސިފައިން ވަނީ ތިން ބަޔަކަށް ބެހިފައިވާ މި ހޮހޮޅައިގެ ފުރަތަމަ ދެ ބައި ޑައިވްކޮށްގެން ބަލައި ފާސްކޮށްފައެވެ.
ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގ ގަވާއިދު ބުނާގޮތުން ފަތުރުވެރިން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ އެންމެ ފުންވެގެން 30 މީޓަރަށެވެ. ނަމަވެސް، އިޓަލީގެ މި ފަތުރުވެރިން ރިކްރިއޭޝަން އިކްއިޕްމަންޓާއެކު އެހާ ފުނަށް ފީނި ސަބަބާމެދު ތަޖުރިބާކާރުން ސުވާލު އުފައްދަމުންދާއިރު، އެ މީހުން ގޮވައިގެން ފީނަން ދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ ލައިސަންސް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ހިފަހައްޓާފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ އޮފިސަރަކުވެސް ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ