ވ. އަތޮޅު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ރާއްޖެ އައިސް ތިބި ބޭރުގެ ތަޖުރިބާކާރުން، އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު އޮރިއެންޓޭޝަން ޑައިވެއް ކުރިއަށް ގެންދާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލިފައިވަނީ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެމީހުންގެ އިންސްޓްރަކްޓަރެވެ. މީގެ ތެރެއިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ގާތްގަނޑަކަށް 60 މީޓަރު އަޑިން ފެނިފައިވާއިރު، އަނެއް ހަތަރު މީހުން ވެސް 200 ފޫޓު ދިގު އެ ހޮހަޅައިގެ ތެރޭގައި މަރުވެފައި ތިބޭނެ ކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ. މި މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ވަނީ މިމަހުގެ 16 ވަނަ ދުވަހު ނިޔާވެފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ފިންލޭންޑުން އައިސް ތިބި ކޭވް ޑައިވިންގެ ތިން ތަޖުރިބާކާރުންނާއި، އައްޑޫގައި ހުރި އެ ޓީމުގެ އިތުރު މެމްބަރަކު ގުޅިގެން މިއަދު ކުރިއަށް ގެންދާނީ ހަމައެކަނި އޮރިއެންޓޭޝަން ޑައިވެކެވެ. އެބޭފުޅުން އިއްޔެ އަރާމުކުރެއްވިއިރު، އިއްޔެ ވަނީ ކަނޑުއަޑީގެ ޑްރޯން ބޭނުންކޮށްގެން އެ ސަރަހައްދު މެޕްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ބޭރުގެ ޑައިވަރުންނަށް އެހީތެރިވުމަށް ކޯސްޓުގާޑާއި ފުލުހުންގެ ޑައިވަރުން ހަރަކާތްތެރިވި ނަމަވެސް، ދިވެހި ޑައިވަރުން ނުރައްކާތެރި ފުންމިނަށް ނުދާނެ ކަމަށް މުންދު ވިދާޅުވިއެވެ. މި ހާދިސާގައި މަރުވެފައިވާ ކަމަށް ބެލެވެނީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ފެޑެރީކޯ ގުއަލްޓިއަރީ (31އ) އަދި އިންސްޓްރަކްޓަރު ޖިއަންލުކާ ބެނެޑެޓީ (44އ) އެވެ.
ކޮމެންޓު ފޮނުވާ