ވ. އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް، ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކާއެކު އަލުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ވަރުގަދަކުރުމަށްޓަކައި މިއަދު ހެނދުނު ރާއްޖެ އައި ފިންލޭންޑުގެ ޑައިވަރުންނަކީ ކަނޑުގެ ފުން ސަރަހައްދުތަކަށާއި ހޮހަޅަތަކަށް (ކޭވް ޑައިވިންއަށް) ފީނުމުގެ ޚާއްސަ ތަޖުރިބާކާރުން ކަމަށެވެ. އަދި އެ ޓީމުން ރާއްޖެ އައިސްފައިވަނީ މިފަދަ ފުން ސަރަހައްދުތަކަށް ފީނުމަށް ބޭނުންވާ ޚާއްސަ އާލާތްތަކާއި ސާމާނުތައް ވެސް ހިފައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މީހުން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިޓަލީގެ ޑައިވް ސޭފްޓީ ނެޓްވޯކެއް ކަމަށްވާ "ޑޭން" ކުންފުންޏާއެވެ. މުންދު ފާހަގަކުރެއްވި ގޮތުގައި، މި އޮޕަރޭޝަންގައި ހަރަކާތްތެރިވުމަށް ފިންލޭންޑުގެ ޑައިވަރުން ރެކްރޫޓުކޮށްފައިވަނީ ވެސް ސީދާ އެ ކުންފުނިންނެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ފިންލޭންޑުގެ ޑައިވަރުންނާއެކު ސާޗް އޮޕަރޭޝަން އަލުން ފެށުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަސައްކަތް ކުރިއަށް ގެންދާނީ އެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ (ރެކޮމެންޑޭޝަނާ) އެއްގޮތަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ