ގެއްލުނު ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި އެމްއެންޑީއެފް ޑައިވަރުގެ މަރާ ގުޅިގެން އިޓަލީން ތައުޒިޔާ ފޮނުވައިފި

ގެއްލުނު ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި އެމްއެންޑީއެފް ޑައިވަރުގެ މަރާ ގުޅިގެން އިޓަލީން ތައުޒިޔާ ފޮނުވައިފި

Author
އަހުމަދު
17 މެއި 2026 10:19
0

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ނިޔާވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ މަރާ ގުޅިގެން އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ރާއްޖެއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ވ. އަލިމަތާ ކައިރިއަށް ދިވެހި ޑައިވަރަކާ ނުލައި ފީނަން ފޭބި އިޓަލީގެ ފަސް ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު ވަނީ 60 މީޓަރު އަޑީގައިވާ ކޭވްއެއްގެ ތެރެއިން ނިޔާވެފައި އޮއްވާ ފެނިފައެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ފެށި "ހައި ރިސްކު" އޮޕަރޭޝަނުގައި އަށް ޑައިވަރުން ބައިވެރިވިކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ މަހުދީގެ ހާލު ދެރަވެ، ފަރުވާދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއަށް އެޑްރެސްކުރައްވައި އިޓަލީގެ ހާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި، ފަތުރުވެރިން ހޯދަން އުޅުމުގެ ތެރޭގައި ދިވެހި ޑައިވަރަކު ނިޔާވި ޚަބަރަކީ އިޓަލީއަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅަށް އިތުރުވި ފުން ހިތްދަތިކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ސަރުކާރަށާއި، ގައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް މަހުދީގެ އާއިލާއަށް އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ ތައުޒިޔާ ރައްދުކުރައްވާފައެވެ.

މީގެ އިތުރުން، ގެއްލުނު ފަތުރުވެރިން ހޯދުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އިޓަލީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަންވެސް އެ މެސެޖުގައި ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.