ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ، އިޓަލީ ސަރުކާރުގެ ހުށަހެޅުމަކަށް ފިންލޭންޑުގެ ތިން ޑައިވިން ތަޖުރިބާކާރުން ހާއްސަ އާލާތްތަކާއެކު މާދަމާ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ. މީގެ އިތުރުން އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ އިން ވެސް މި އޮޕަރޭޝަނަށް ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށާއި، ބޭރުގެ ތަޖުރިބާކާރުން ހަރަކާތްތެރިވާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މިހާރު ވަނީ އޮޕަރޭޝަން މަޑުޖައްސާލާފައެވެ. އެމްއެންޑީއެފް އިން ނިންމާފައިވަނީ އަލުން އޮޕަރޭޝަން ކުރިއަށް ގެންދާނީ ފިންލޭންޑުގެ ޓީމާ މަޝްވަރާ ކުރުމަށްފަހުގައެވެ.
ވ. އަލިމަތާ ކައިރިއަށް ޑައިވިނަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިފައިވަނީ، ރާއްޖޭގައި ޑައިވްކުރުމަށް ހުއްދަ އޮންނަ 30 މީޓަރުގެ ފުންމިނަށްވުރެ މާ ފުނަށް، 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައަކަށް ފީނުމުގެ ސަބަބުންނެވެ.
ކޮމެންޓު ފޮނުވާ